ލާމު އަތޮޅުން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް ފެތުނު ދޯނިން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ގެއްލުނު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (އިއްބެ / ޖެލިޔާ) އާއި އިތުރު ދެމީހުން ހެޔޮ ހާލުގައި ސަލާމަތުން ފެނުމަށް އެދި ތިނަދޫގެ ރައްޔިތުންނާއި މުޅި ދިވެހިރާއްޖެއިން އަންނަނީ ނުހަނު އިޚްލާޞްތެރިކަމާއެކު ދުޢާކުރަމުންނެވެ.
އުމުރުން 39 އަހަރުގެ އިބްރާހީމް އަޙްމަދަކީ ސިފައިންގެ ޚިދުމަތުގައި އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވަމުންދާ ބޭކަލެއްގެ އިތުރުން، ތިނަދޫގެ ފުޓްބޯޅަ އާއި ފުޓްސަލް ޓީމުތަކަށާއި ސިފައިންގެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ، ސަރަޙައްދުގެ ނަން މަޝްހޫރު ކުޅަދާނަ ކުޅުންތެރިއެކެވެ.
މި ހާދިސާގައި އިއްބެގެ އިތުރުން ގެއްލިގެން ހޯދަމުންދަނީ ފުލުހުންގެ ޚިދުމަތުގެ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އާއި، އަޑިއަށްދިޔަ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން (35 އަހަރު) އެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. އެގޮތުން ވައިގެ މަގުން ޔޫއޭވީ (ޑްރޯން) އާއި މޯލްޑިވިއަންގެ ފްލައިޓެއްބޭނުންކޮށްގެން ބޮޑު ސަރަހައްދެއް ބަލައިފާސްކުރަމުންދާއިރު، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ އޮޕަރޭޝަން ހިންގަމުންނެވެ.
އެންމެންގެވެސް އެދުމާއި ދުޢާއަކީ އިއްބެއާއި، ގެއްލުނު އަނެއް ދެ މީހުން ސަލާމަތްތެރިކަމާއެކު ހެޔޮ ހާލުގައި ފެނުމެވެ.





