ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، އިއްޔެ ކުރިއަށްދިޔަ ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މި މަސައްކަތުގައި މޯލްޑިވިއަންގެ މަތިންދާބޯޓެއްގެ އިތުރުން އެމްއެންޑީއެފް އެއަރ ކޯރގެ ޔޫއޭވީ ޑްރޯންތައް ބޭނުންކޮށްފައިވެއެވެ.
މީގެ އިތުރުން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. މި އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި، ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓްތަކާއި، ސީއެމްބިއުލޭންސް “SA038” އަދި “SA037” ގެ އިތުރުން ފުލުހުންގެ ލޯންޗުތައް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ގެއްލިގެން ހޯދަމުންދާ ތިން މީހުންގެ ތެރޭގައި ހިމެނެނީ ދޯނީގެ ކެޕްޓަން، މުޙައްމަދު ހަމްދޫން (35 އަހަރު)، ތ. މަޑިފުށި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެހީތެރިވާން އުޅުނު ފުލުހުންގެ ސާޖަންޓް، ޢަލީ ނާފިޢު (33 އަހަރު) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް، އިބްރާހީމް އަހްމަދު (39 އަހަރު)އެވެ.
އެމްއެންޑީއެފުން ބުނީ މި ތިން މީހުން ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.





