ރާއްޖޭގެ އިޤްތިޞާދީ މައި ދޮރާށި ކަމުގައިވާ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ބާރުސްޕީޑުގައި ފަށައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖެއަށް އެތެރެކުރާ މުދާ ހޭންޑަލްކުރުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވާނެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އައު ބަނދަރާއެކު، ރާއްޖެއަށް އަންނަ އާގުބޯޓުތައް ހުސްކޮށް ފުރުވާލުމަށް މިހާރު ހޭދަވާ 10 އާއި 14 ދުވަހުގެ މުއްދަތު، އެންމެ 2 ދުވަހަށް ކުރުވެގެންދާނެއެވެ. މިއީ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ބަދަލެކެވެ.
މަގަތުފާލަމާއި ޖާގައިގެ ބޮޑު ބަދަލު
މިހާރު މާލޭގައި ބޭނުންކުރާ ބައިނަލްއަޤްވާމީ މަގަތުފާލަމުގެ ދިގުމިނަކީ އެންމެ 100 މީޓަރެވެ. ނަމަވެސް، ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގެ މަސައްކަތް މުޅިން ނިމޭއިރު، ބައިނަލްއަޤްވާމީ މަގަތުފާލަން 1000 މީޓަރަށްވުރެ ދިގުވެ، ޖުމްލަ 1400 މީޓަރުގެ ސަރަޙައްދެއް ބޭނުންކުރެވޭނެއެވެ. މީގެ އިތުރުން، މިހާރުގެ މަގަތުފާލަމުގެ ފުންމިނަކީ 9 މީޓަރު ކަމަށްވިޔަސް، ތިލަފުށީ ބަނދަރުގެ ފުންމިން 14 މީޓަރަށް އިތުރުކުރެވޭނެއެވެ. މީގެ ސަބަބުން ބޮޑެތި ބޯޓުފަހަރަށް ފަސޭހަކަމާއެކު ބަނދަރަށް ކައިރިކުރެވޭނެއެވެ.
މުދާ ހޭންޑަލްކުރާ މިންވަރު އިތުރުވުން
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާރު މާލޭ ބަނދަރުގައި އަހަރަކު ހޭންޑަލް ކުރެވެނީ ގާތްގަނޑަކަށް 80,000 ޓީއީޔޫ (ކޮންޓެއިނަރު) އެވެ. ނަމަވެސް ތިލަފުށީގެ އައު ބަނދަރާއެކު މި ޤާބިލުކަން 390,000 އަށް އިތުރުވެގެންދާނެއެވެ. މި ބަދަލާއެކު، ބޯޓުތަކުގައި ހުންނަ ކްރޭންތަކުގެ ބަދަލުގައި ބަނދަރުގައި ދާއިމީކޮށް ހުންނަ ޒަމާނީ ސީ-ޓު-ޝޯ ކްރޭންތަކާއި މޯބައިލް ހާބަރ ކްރޭންތައް ބޭނުންކުރަން ފެށޭނެއެވެ.
ދިވެހިންގެ ފުރިހަމަ ބައިވެރިވުން
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަމާޒު ހިފާފައިވަނީ މިއަހަރުގެ ފަހުކޮޅު ތިލަފުށީ ބަނދަރުގެ ބައެއް ބޭނުންކުރަން ފެށުމަށެވެ. ސަރުކާރުން ކަށަވަރުކޮށްދޭ ގޮތުގައި، މި ބަނދަރަކީ ސައްތައިން ސައްތަ ދިވެހިންގެ ބެލުމުގެ ދަށުން ހިންގާނެ، ދިވެހި އިޤްތިޞާދުގެ މައި ހަބަކަށް ވެގެންދާނެ ތަނެކެވެ.
މި މަޝްރޫޢު ނިމުމުން، ރާއްޖެއަށް މުދާ އެތެރެކުރުމަށް ހިނގާ ޚަރަދު ކުޑަވެ، މުދާ ލިބުމުގައި ހުރި ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.





